Tuesday, November 25, 2008

މާޒީގައި ތިބާއަށް ހެދިފައިވާ ގޮސްތައް ފޮރުވަންނޫޅެ، ރިވެތި މާފަކުން މާފަށް އެދި ކުރިއަށް ދަމާ ހިނގާށެވެ.

ޝައްކެތްނެތެވެ. ކުށްކުރުމާއި، ކުށަށް އަރައިގަތުމަކީ އިންސާނީ ތަބީޢްޔަތުގައި ﷲ ލައްވަވާފައިވާ ކަންތައްތަކެވެ. ނަމަވެސް ކުށަށް އަރައިގަތުން ދުރުހެލިކުރުވުމަށްޓަކައި ވަކި އިންތަކަކާއި މިންތަކެއް ދީނުގައި ކަނޑައަޅުއްވާފައިވެއެވެ. އާދެ، އިސްލާމީ ރިވެތި އަޙުލާގާއި ސުލޫކެވެ. ކުށަށް އަރައިގަނެވޭ ކޮންމެ ފަހަރަކު ކުށުން ބަރީއަވުމުގެ ބަދަލުގައި އެކަމުން ދުރުހެލިވުމަށް މަސައްކަތްކުރުމަކީ ހަމަ ކޮންމެ މީހަކުމެ ކުރަންޖެހޭނެކަމެކެވެ. ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް ކަންއޮތީމިހެންނެވެ.

ދިރިއުޅުމުގެ މައިދާނުގައި ހަމަ ކޮެންމެ އިންސާނަކީވެސް ތަފާތު ތަޖްރިބާތަކެއް ކުރާނެ އިންސާނެކެވެ. އުފާވެރި ވަގުތުތަކާއި، ހިތާމަވެރި ވަގުތުތަކެވެ. ކާމިޔާބުގެ ވަގުތުތަކާއި، ނާކާމިޔާބުގެ ވަގުތުތަކެވެ. ރުޅިވެރިކަމާއި، ހަސަަދަވެރިކަމުގެ ވަގުތުތަކެވެ. މި ހުރިހާ ސިފަތަކަކީވެސް އިންސާނާގެ ކިބައިގައި ލައްވާފައިވާ ސިފަތަކެެވެ. ނަމަވެސް އަޅުގަނޑުމެންގެ މައްޗަށް އެންމެ އެދެވެ ގޮތަކަށްވާނީ މިއިން ކޮންމެ ހާލަތެއްގައިވެސް ހިތްތިރިކޮށް އެކަންކަމާއި މެދު ހިކުރމަތްތެރިކަމާއި އެކު ވިސްނާ ފިޔަވަޅުއެޅުމެެވެ. ނުރަނގަޅުކަންކަމަށް ހުޅުވިފައިވާ މަގުތަށް ބަންދުކުރުމެވެ. ހެޔޮލަފަޔާއި އިރުޝާދު ދެއްވާ ބޭފުޅުންގެ އަޑުއެހުމާއި އެއިން އިބްރަތް ހާޞިލްކުރުމެވެ.

ހަމަ އެހެންމެ ތިމާގެ އަމިއްލަ ނަފްސު އިސްލާހުކުރުމަށް އެދޭ ތިމާގެ މައްޗަށް ވެރިކަން ކުރަންތިބި މީހުންވެސް ހެޔޮމަގުގައި ތިބުމަށް ބާރުއެޅުމަކީ ވަރަށް މުޙިއްމުކަމެކެވެ. ޤައުމީ ފެންވަރުގައިވިޔަސް، އަދި ރަށުފެންވަރުގައިވިޔަސް މިކަން އޮތީ މިހެންނެވެ. ފަހަރެއްގައިވެސް މާޒީގައި މީހަކު ކަމެއް ގޯސްކޮށް ކޮށްފައި އޮތުމުން ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލާފައި އޮތުމަކުން އަޅުގަނޑުމެން އެމީހަކާއި ނުވަތަ އެބަޔާކާއި މެދު ހަސަދަވެރިވާކަށް ނުޖެހެއެވެ. މިއަދު ލިބޭ ކާމިޔާބަކީ ދާދިއަވަހަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިދާނެ އެއްޗެކެވެ. ކާމިޔާބުގެ ކުރިމަތީގައި އަޅުގަނޑުމެން އަދާވާތްތެރިވެއްޖެނަމަ، ލިބިފައިވާ ކާމިޔާބު ދާދިއަވަހަށް ބަދަލުވެގެން ހިނގާދާނެއެވެ. އަދި މާޒީގައި ގޯސްހަދާފައިވާ މީހުން ހަދާފައިވާ ގޯސްތައް ރަނގަޅުކުރުމަށް އޭރަކުން ފުރުޞަތެއް ނޯންނާނެއެވެ. ބަދަލު ހިފުމުގެ ރޫހުގައި އަދި އެކަމުގެ ބަރުހެލިކަމުގައި އުޅެންޖެހިއްޖެނަމަ، ދެން އަޅުގަނޑުމެން ހާޞިލްކުރެވޭނެ އެއްވެސް ކަމެއް ނޯންނާއެވެ.

މިދަނޑިވަޅުގައި އަޅުގަނޑުމެން ވިސްނަންވި މުޙިއްމު ނުކުތާއަކީ، ގޯސްކަމެއް ކުރިމީހަކު ނުވަތަ ބަޔަކު އެކަމެއް ކުރަން މާޒީގައި ފުރުޞަތު ލިބުނީ ކިހިނެއްތޯއެވެ؟ އެކަންކަން ބަލައި ހެދުމަށްފަހު އަޅުގަނޑުމެން އެކަން އެގޮތަށް ހިނގާފައިވަނީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ނިޒާމެއްގެ ސަބަބުން ކަމުގައިވަނީ ނަމަ ނިޒާމް ރަނގަޅުކުރަންވީއެވެ. އޭރުން ކުރިއަށްތަނުގައި އެހެން މީހަކަށް ނުވަތަ ބަޔަކަށް އިތުރުގޯސްތަކެއް ހެދުމަށް އުނދަގޫވެގެންދާނެއެވެ. ނަމަވެސް މީހެއްގެ ހައްޤަކަށް ނުވަތަ ބަޔެއްގެ ހައްޤުތަކަކަށް އަރައިގެންފައިވާކަން ސާބިތުވާނަމަ ޝަރުޢީ ކޯޓްތަކުން އެކަމެއް ނިންމަންވީއެވެ. ފަހަރެއްގައިވެސް މަގުމަތިން އަދާލާތު ހިންގަން އުޅެގެންނުވާނެއެވެ. ފިތުނައާއި ހަސަދައިގެ އަލިފާނަކީ އަނދަ އަނދާ ހުންނަ އަލިފާނަށްވުރެ ގަދަފަދަ އެއްޗެއްކަން ދަންނަވާނެއެވެ. އަދި އަޅުގަނޑުމެންނަށް ދުނިޔެ ދައްކާ މަގު ދަންނަވާނެއެވެ.

ކޮންމެ ނަޒަރިއްޔާތަކުން ވިސްނި ނަމަވެސް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ބަދަލު ހިފަން ނިކުމެއްޖެނަމަ އެކަމުގެ ރޫޙު، ސުލްހަވެރިކަމުގެ ރޫހަށްވެސް ގަދަވާނެކަމެވެ. އަދި ކޮންމެ ބަދަލުހިފުމަކުން އިތުރު އެތަކެއް އިންސާނީ މުސީބާތްތަކަށް ދޮރުހުޅުވިގެންދާނެކަމެވެ. ނަމަވެސް ސުލްހަވެރިކަމުގެ މަގި އިހުތިޔާރުކޮށްފިނަމަ ކާމިޔާބާއި ފަލާހު އޮތީ ދާދިގާތުގައެވެ. ރައްކާތެރިކަމުގެ އައްސޭރި ފެންނަ ހިސާބުގައެވެ. އަމާން މުޖުތަމައުމެގައި އުޅުމުގެ އުފާވެރިކަން އިހްސާސްކުރެވޭނެއެވެ. ރައްކާތެރިކަމަކީ އެންމެގެ މިލްކެކެވެ.

No comments: