Thursday, November 6, 2008

ޤައުމުގެ ހާލަތާއި މެދު ވިސްނާއިރު..

އިސްމާޢީލް ހަސަންމަނިކު / އުއްމީދު، ތިމަރަފުށި

ޤައުމުގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިނަމަވެސް ފެންނަނީ އެއްމަންޒަރެކެވެ. ކޮންމެވެސް ކަމަކާއިމެދު ރައްޔިތުން ފޫހިވެފައިވާ ކަހަލަ އިޚްސާސެއްވެސް ކުރެވެއެވެ. ނޫންނަމަ، ކޮންމެވެސް ކަމަކާއި މާޔޫސްވެ ގޮތްހުސްވެފައިވާ ކަހަލަ އިޚްސާސްތަކެއް އެބައިމީހުންގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަ ކަހަލައެވެ. ތިޔަ ހީފުޅުކުރެއްވީ ހަމަ ރަނގަޅަށެވެ. މިއަދު ރައްޔިތުން ތިއްބެވީ އެބައިމީހުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދާދިނުމާއި، ކޮންމެހެން ދިރިއުޅުމުގައި ބޭނުންވާ މުޙުތާދު ފުއްދުމުގެ ޤާބިލްކަން ނެތަތީވެ، އަދި އެބައިމީހުންނަށް ކޮންމެހެން ލިބެންޖެހޭ އަސާސީ ހައްޤުތަކުން މަހުރޫމްކޮށްފައިވާތީވެ، އެކަމާ ފޫހިވެ މާޔޫސްވެފައެވެ. ޤައުމުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ އެއްމަންޒަރެކެވެ. ބޮޑުތިލަދުންމަތިން ފެށިގެން އައްޑުއާއި ހަމައަށް ނަޒަރު ހިންގާލިޔަސް އިވެނީ އެއްއަޑެކެވެ. އިހްސާސްކުރެވެނީ އެންމެ އިޚްސާސެކެވެ. އެއީތޯއެވެ؟

ޝައްކެތްނެތެވެ. މިއަދު ކޮންމެ ދިމާލަކަށް ބަލާލިނަމަވެސް ޤާނޫނާއި ޤަވާއިދަށް އިޚްތިރާމްނުކުރުމުގެ ސަގާފަތެއް ފެތުރިފައިވާތީ ފެނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއްބަޔަކު އެބަޔަކަށް ވެފައިވާ ވައުދުތަކުގެ މަތިން ހަނދާންކޮށް އިހްތިޖާޖްކުރުމުގެ ގޮތުންނެވެ. ނުވަތަ އެބަޔަކު ބޭނުންވާ ގޮތަކަށް ކަމެއް ނުނިމޭނަމައެވެ. މިއީ މިއަދު އަޅުގަނޑުމެން އަޖައިބު ވާންވީ މައްސަލައެއްނޫނެވެ. މިއީ ހަމަ އިންސާނީ ތަބީއަތުގައި ވާ އެހެނިކަންކަން ފަދައިން އެކުލެވޭކަމެކެވެ. ބައެއް ބޭފުޅުން ވިދާޅުވެއެވެ. މިއީ މިއިން ޒަމާނެއްގައި މިޤައުމުގައި ހިނގިކަމެއް ނޫނެވެ. އެއީ ކޮންމެވެސް ބަޔަކު ރާވައިގެން ކުރާކަމެއްކަމެވެ. މިއީ ކިހާވަރެއްގެ ހަޤީގަތެއް އެކުލެވޭކަމެއްތޯއެވެ؟

ރައްޔިތުންގެ މޫނުމަތިން ފެންނަކަހަލައެވެ. ތިމަންމެން މިވީހާދުވަހު މިގެންގުޅުނީ އެއްޗަކަށްލައިގެން މަތިޖަހައި ބާރުކޮށްގެންނެވެ. އަދި ހުރިހާކަމެއް ފަރުމާ ކުރެވިފައިވަނީ ތިމަންމެން އާދޭސްދަންނަވާ، އަޅުދާސްވާންޖެހޭ ފަދަ ގޮތަކަށެވެ. ގޭދޮށު ރުއްކަނޑާލަންޖެހުނަސް މާލޭގައި ހުންނަ ކޮންމެވެސް އޮފީހެއްގެ ހުއްދަލިބިގެންނެވެ.. އެއްއިރެއްގައި ކުޑަސިޓީއެވެ. މިކަހަލަ ކިތަންމެ ކަމެކެވެ. ރަސްކަމުގެ ޒަމާނުއްސުރެ މިދީބުގެ ހުރިހާ ބާރެއް އޮންނަނީ މާލެއަށް ޖަމާކުރެވިފައެވެ. ވެރިޔާއަށް ހާސް، ރައްޔިތުންނަށް ހަމަ ސުމެކެވެ. މިއީ ހަމަ ހަޤީގަތްހެއްޔެވެ؟

ދީބުގެ ކޮންމެ މަގެއް މަތިންވެސް ފެންނަނީ ފޭރުމާއި، ޓެކުވުމާއި، ވައްކަމާއި، މަސްތުވުމާއި، ޒިނޭކުރުމާއި، އަދި މިނޫންވެސް މިފަދަ ނުބައި ނުލަފާ ޖަރީމާތަކެވެ. މިއީވެސް ބަޔަކު ރާވައިގެން ހިންގާކަންކަމެއްހެއްޔެވެ. ދީބުގެ ވެރިޔާގެ އިހުމާލެއް ނެތްތޯއެއްޗެކެވެ؟ ހަމަ ގޯހީ ރައްޔިތުންނެވެ. ބުނެވޭގޮތުގައި މިއުޅޭ ސިޔާސީ ސޮރުން މާސިޔަސަވެގެން އުޅެނީއެވެ؟ އަމިއްލަ ބޭނުމެއް ފުއްދަން ރައްޔިތުން މަގުފުރައްދަނީޔޯލައެވެ؟ އެކަން 35 އަހަރު ނުވާ ޒުވާނަކަށް ނެގޭނެކަމަށެވެ. 30 ޑޮލަރުން 3000 ޑޮލަރަށް ބޮލަކަށް ޖެހޭ މިންވަރު މައްޗަށްދިޔަ ވާހަކައެވެ. މިހާރުވެސް ދުވާލަކަށް ޑޮލަރެއްގެ އާމްދަނީ އާބާދީގެ 50 އިންސައްތައަށް ނުލިބެއެވެ. އެކަމަކު ރައްޔިތުން ކޮބައިތޯއެވެ؟ ކޮންހާލެއްތޯއެވެ؟

ޤައުމުގެ ކޮންމެ ދިމާލަކުން އިވެނީ އާންމު ޚިދުމަތާއި، މުދަލުގެ އަގުބޮޑުވާހަކައެވެ. ލިބޭ އާމްދަނީ ނުފުދި ކަންމަތީ ފިހާރަ ވެރިމީހާއަށް ދަރަނިވެރިވާ ވާހަކައެވެ. ދަރިންނަށް ރަނގަޅު ތައުލީމެއް ސިއްހަތެއް ނުލިބޭ ވާހަކައެވެ. ބޯހިޔާވަހިކަމެއް ނެތްކަމެވެ. އާމްދަނީ އިތުރުކުރެވޭނެ އިތުރު ވަޞީލަތްތަކެއް ނެތް ވާހަކައެވެ. ޤައުމުގެ މުއްސަދިންގެ މެދުގައި ޤައުމުގެ ޤުދުރަތި މުއްސަދިކަން ބާހާ ހުސްކުރަމުންދާ ވާހަކައެވެ. ފަޅުރަށްރަށެވެ. ކަނޑާއި، ފަޅުފަޅާއި، ހާހަލެވެ. ދިގުމުއްދަތަކަށް ކުއްޔަށް ނުވަތަ ވިއްކާލާ ވާހަކައެވެ. އެޑްވާންސްއަށް ފައިސާ ނަގާވާހަކައެވެ. މުސްތަޤުބަލުގެ ޖީލު ހަލާކުވެފައިވާ ވާހަކައެވެ. ހައްތަހާވެސް ވާހަކައެވެ. މައްސަލަތަކެވެ.
ޤައުމުގެ ރައްޔިތުންގެ މޫނުމަތިން ފެނެއެވެ. ދިރިއުޅުމުގެ އަސާސީ ހައްޤުތައް ފުރިހަމައަށް އެބައެއްގެ ޤައުމުގައި އެބައެއްގެ ފަސްގަނޑުގައި ނުލިބުމަށްވުރެ ބޮޑަށް ވަކިން ބޮޑަށް ގެއްލިގެންދާ އިންސާނީ ހައްޤެއް އޮންނާނެތޯއެވެ؟ ތިމާވެށީގެ ވާހަކައާއި، ދީނާއި، ވަހުދަތާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ވާހަކަ ކެނޑިނޭޅި ދީބުގެ ވެރިމީހާގެ އަނގައިން އިއްވަމުންދަނީއެވެ. މިކަންކަމަށް ވަކާލާތުކުރަމުންދާތާވެސް 30 ކަށް އަހަރު ވަނީއެވެ. ނަމަވެސް ރައްޔިތުން ތިބީ ހަނާވެފައެވެ؟ އިންސާނީ ހައްޤާއި، ވަހުދަތާއި، އެކުވެރިކަން އަދި އެއްބައިވަންތަކަން ވަނީ ލޮލުކޮޅަށް ނުފެންނަ ހިސާބު ދުރުގައެވެ. ޤާނޫނެއް އޮތެއްކަމަކު ތަންފީޒެއް ނުކުރެވެއެވެ. ނުވަތަ ރައްޔިތުންގެ މައްޗަށް ހަމަހަމަކަމާއި އެކު ތަންފީޒެއްނުކުރެވެއެވެ. ޤައުމުގައި ގަދައީ ގޭންގްސްޓާރުންގެ ބާރެވެ.

ޒަމާން ބަދަލުވެއްޖެއެވެ. ރައްޔިތުން ކޮންމެވެސް ތަނަކުން އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ހިތްވަރުލިބިއްޖެއެވެ. ތޮށިގަނޑު ފަޅާލާފައި ނުކުމެއްޖެއެވެ. ރައްޔިތުން ބުނެއެވެ. ވެރިކަންކުރަންވީ ރައްޔިތުންނަށްޓަކައިއެވެ. އެހެންނޫންނަމަ ދޫކޮށްލާފައި ފައިބަން އުޅޭށެވެ. އަހަރެމެންނަށް އަހަރެމެންގެ ވަޒަނުގައި ދެވަނަ ދަރަޖައިގެ އިންސާނުންނަށް ހަދައިގެން ނުވާނެއެވެ. އަހަރެމެންނަށް އަމާންކަން ބޭނުންވެއެވެ. އަހަރެމެންނަށް ހިޔާވަހިކަމާއި، ސާފުބޯފެން ބެނުންވެއެވެ. އަހަރެމެންނަށް ޅަދަރިން ނުބައި ސުންޕާކަމުން ސަލާމަތްކުރުމަށްބޭނުންވެއެވެ. އަދި އުފާވެރި މުސްތަޤްބަލެއް ބޭނުންވެއެވެ. ރަނގަޅު ޞިއްޙަތާއި، ތައުލީމާއި، އެހެނިހެން ދިރިއުޅުމުގެ މުހުތާދުތައް ފުއްދޭނެގޮތްބޭނުންވެއެވެ. އަހަރެމެން މިއީ އަޅުންގެ ގޮތުގައި ބޭސްސިޓީ ބޮޑި ހިފައިގެން ގަނޑުވަރުދޮށާއި، ސައުދާގަރުންގެ ދޮރުގައި ޓަކިނުޖަހާވާނެގޮތެއް ބޭނުންވެއެވެ. އަހަރެމެންނަށް ޖިނާއީ އަދުލާއި، ހަމަހަމަ އިންސާފުވެރި ޝަރީއަތެއް ކުރާނެ ފަޑިޔާރުގެއެއް ބޭނުންވެއެވެ. އަހަރެމެން ޤައުމުގެ މުއްސަދިކަން އެންމެނަށް ބެހިގެންދާން ބޭނުންވެއެވެ. އަހަރެމެން އަދުލުވެރި ވައުދަށް އިޚްތިރާމްކުރާ ވެރިޔެއް ބޭނުންވެއެވެ. ދީބުގެ ކަންކޮޅުތަކުގައި އިސްލާމީ ޝިއާރު ފައުޅުކޮށްދޭނެ ވަރުގަދަ ފަހުލަވާނަކު ބޭނުންވެއެވެ. މިކަން އަހަރެމެންނަށް ކޮށްދޭނީ ކާކުތޯއެވެ؟

ޖުމުލަގޮތެއްގައި މިވަގުތު ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށަކުންވެސް އިވެމުން ފެތުރެމުންދާ އަޑެވެ. ޝަކުވާތަކާއި، އާދޭސްތަކެވެ. ރުއިމާއި، ކެކުޅުމެވެ. ވިސްނަވާށެވެ. މިއޮތީ ވަގުތެވެ. އަޅުގަނޑުމެން އެމީހަކު ހޯދާނީ އަޅުގަނޑުމެން އަމިއްލައަށެވެ. ބައްލަވާށެވެ. ސުވާލުކުރައްވާށެވެ. އޭރުން އެނގޭނެއެވެ. މިއީ ބަދަލަކަށް ބޭނުންވެފައިވާ ވަގުތެވެ. ވަރުބަލިވެ، ބުރަހެލިވެފައިވާ މާލިމީ ކުދިންނާއި، ދުވަސްވެ ބާވެފައިވާ އޮޑިއަށް ދެން ސިޔާސީ ގަދަ ކަނޑުތަކުގައި ދަތުރުކުރުމުގެ ހިތްވަރުގެއްލިފައިވާތީއެވެ. އަދި މާލިމީއާއި ފަޅުވެރިކުދިންނަށްވެސް ގޯސްތަށް ހެދި އޮޑި އެކި ފަޅު ފަޅަށް އަރާ ގެއްލުންތަކެއް ވެފައިވާތީއެވެ. އޮޑި ދިޔަހިލި އަޑިއަށް ދިއުމުގެ ކުރިން އާއޮޑިއެއްގެ އިސްޕީޑާއި، ފަންވަރު އަދި މާލިމީ އާއި ފަޅުވެރިކުދިން ހިތްވަރާއި ފަންވަރުން އަހަރެމެން ގޮވައިގެން އަމާން މަންޒިލަކަށް ގެންގޮސްދޭނެކަމުގައި ޔަޤީންކުރަމުންނެވެ.

No comments: