ޖަޒީރާ ނޫހުން ނަގާފައި
މިއަމާން ރާއްޖޭގެ ހިމޭންކަން ގެއްލި, މުޖްތަމައު ފަސާދަވެ, މާރާމާރީ ހިންގާ, މީހުންނަށް އަނިޔާކޮށް މީހުން މެރުމާ ހަމައަށް ދިޔައިރު އެކަމެއް ނުހުއްޓުވުނެވެ. އެއީ އެކަން ކުރާމީހުން ހުއްޓާލީމާ ހުއްޓުވިދާނެކަމެއް ކަމަށް ބެލިކަމެކެވެ. މިކަމުގެ ޒިންމާ ނަގަން ޖެހުނީ ގްރޫޕުތަކުން ނެވެ. އެއީ ސަރުކާރުގެ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވީ އާއްމުން ނެވެ. ނުވަތަ ރައްޔިތުން ނެވެ. އެއާ ޚިލާފަށް ގައުމުގެ ދަރިންގެ އުމުރު ދިގުވެ, ދަރިންނަށް ތައުލީމު ދެވޭމިންވަރު ގިނަވެ, އެކަން ފެތުރިގެން ދިއުމުން އެކަން ކުރަނީ ސަރުކާރުން ނެއެވެ. އެއީ އާއްމުން ކުރިކަމެއް ނޫނެވެ. އެއީ އަދުގެ ޒައީމްގެ މަސައްކަތެވެ. މީހުންނަށް ރަނގަޅުގޮތްވީމާ ޒައީމެވެ. ގޯސްގޮތެއް ވެއްޖެނަމަ އެހެން ބައެކެވެ.
އުމްރާނީ ތަރައްގީއަށް ގައުމުގައި އެޅި ކޮންމެ ގަލަކަށް މީހަކު މަސްތުވެގެން ގައުމުގައި އުޅޭއިރު އެކަމުގެ ޒިންމާ ނަގަންޖެހިފައިވަނީ ބެލެނިވެރިން ނެވެ. އެއީ މައިންބަފައިންގެ އިހްމާލުން ވީކަމެކެވެ. އެއީ ސަރުކާރުގެ ސަބަބުން ވީކަމެއް ނޫނެވެ. އެކަމަކު މުޅި ރާއްޖޭގައި އެޅިފައިވާ ސްކޫލުތަކާއި, އެހެނިހެން އިމާރާތްތަކުގެ ވާހަކަ ދައްކާނަމަ އެއީ ސަރުކާރުން ކޮށްދިން ކަންކަމެވެ. އެއީ މިއަދުގެ ސަރުކާރުން ކޮށްދިން ޚިދުމަތްތަކެވެ. އެކަމުގެ ޝަރަފް އަރުވަން މިޖެހެނީ އަދުގެ ޒައީމަށެވެ. މޮޅުގޮތެއްވެއްޖެ ނަމަ ޒައީމަށެވެ. އަގުވެއްޓޭ ފަދަ ކަމެއް ކޮށްފއިވާނަމަ އެހެންމީހަކަށެވެ.
ގައުމަށް ލިބޭ ހުރިހާ ކުރިއެރުމާއި ތަރައްގީއަކީ ޒައީމް ހޯއްދަވާ ދެއްވި ކަންކަން ކަމުގައި ބަލާފައި, ގައުމަށް ލިބުނު ދެރައާއި އުނދަގޫތަކާއި, ފޭލުވެފައިވާ ކަންކަމަކީ ޒައީމް ކުރެއްވި ކަމެއް ނޫންކަމަށް ވިދާވާން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ހަގީގަތަކީ ގައުމަށް ކުރިއެރުމެއް ލިބުނު ނަމަ އެކަމަކާއި ގެއްލުމެއް ލިބުނުނަމަ އެކަމެއްގެ ޒިންމާ 30 އަހަރުގެ ސަރުކާރުން ނަގަންޖެހޭނެ ކަމެވެ.
ރިޔާސީ އިންތިޚާބުގެ ވިއްސާރަ ވިލާގަނޑުގެ ވައި, އެނބުރެމުން ސެނބުރެމުން އައުމުން ބައެއް މީހުން ބުނެތެވެ. މައުމޫނު ސަރުކާރު ކިހާ މޮޅުހެއްޔެވެ؟ ފާއިތުވީ ތިރީސް އަހަރު ކިހާ ގިނަ ޚިދުމަތްތަކެއް ގައުމަށް ކޮށްދީފި ހެއްޔެވެ؟ މިތަރައްގީ ގައުމަށް ހޯދައިދިނީ މައުމޫން ނޫން ދެވަނަ ބޭފުޅެއް ނޫނެވެ. އަނެއް ބަޔަކު ބުނެތެވެ. މައުމޫނަށް ކުރެވުނު ކަމެއް ނެތެވެ. އެހެން ނޫންނަމަ ގައުމު މިހާލަތަކަށް ނުދިޔައީ ހެވެ. މިއަދު ގައުމަށް ދިމާވެގެން އުޅޭ މުސީބާތަކީ މައުމޫނާ ހެދި ދިމާވެގެން އުޅޭކަމެކެވެ.
އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ފާޑު ކިޔަމުންދަނީ 30 އަހަރު ދެވުނު އިރު, ގައުމުގައި ނުވެ ހުރިކަންކަމާއި, ނުފުއްދި ހުރި ވައުދުތަކާއި, ގައުމަށް ލިބިފައިވާ ގެއްލުންތަކަށް އަމާޒުކޮށްގެން ނެވެ. އެއަށް ޖަވާބުދާރީވުމަށް ޑީއާރްޕީން ގެންގުޅޭ ސިޔާސަތަކީ 30 އަހަރުގެ ތެރޭގައި ގައުމަށް ލިބުނު ތަރައްގީއާއި, ލިބުނު ކުރިއެރުމާއި ލިބުނު ކާމިޔާބީ ތަކުގެ ވާހަކަ ދެއްކުމެވެ. މިވާހަކަ ދައްކާއިރު ތަރައްގީއާއި ކުރިއެރުން ލިބިގެންދިޔައީ ޒައީމްގެ ކުޅަދާނަކަމުން ކަމަށްވާނަމަ, ނުވަތަ މިސަރުކާރުގެ ހުޝިޔާރުކަމުން ކަމަށްވާނަމަ ގައުމު ވެއްޓިފައިވާ ވަޅުގަނޑުތަކަށް ވެއްޓުނީވެސް ހަމަ މިސަރުކާރުގެ އިހްމާލުންކަމާއި, އެކަމުގެ ޒިންމާ އަދުގެ ޒައީމް ނަންގަވަން ޖެހިވަޑައިގަންނަވާނެކަން ގަބޫލުކުރަން ޖެހެއެވެ.
ހަގީގަތަކީ މައުމޫނު ކަންތައްތަކެއް ކޮށްދެއްވި ކަމެވެ. އެކަންތައްތަކުގެ ސަބަބުން ދިވެހިން މިސްރާބުޖެހީ ރަނގަޅު މަގުންތޯ ނުވަތަ ގޯސްމަގުންތޯ ނިންމާނީ ކުރިއަށް އޮތް އިންތީޚާބެވެ. އެ އިންތިޚާބުން މައުމޫނު ފޭލްވެއްޖެނަމަ 30 އަހަރުގެ މަސައްކަތް ފޭލުވީ އެވެ. މައުމޫނުގެ މިފަހަރުގެ ޝިއާރަކީ ކޮށްދީފައި ހުރިކަންކަމަށްބަލާފައި އަދި އެއް ދައުރަށް ހޮވާ ދިނުމެވެ. އިތުރު ދައުރެއް މިސަރުކާރަށް ދީ, ތަރައްގީގެ ބާނީއަކަށް މައުމޫނު ހެދިދާނެ އެވެ. އެހެންކަމަށް ވާނަމަ މިއަދުގެ ޖީލު ހިނގަމުންދާ ގޯސް މަގުތަކުގެ ބާނީއަކަށް ހަދާނީ ކާކުތޯ އެވެ؟
No comments:
Post a Comment