Wednesday, November 19, 2008

ކަޅުހަން – ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ގޮތް ނޭގޭ ބޯފެން އިސްކުރު

"ކަޅުހަމާއި ދިވެހިންގެ ބޯފެން" މި ސުރުޙީގެ ދަށުގެން މީގެ ދުވަސްކޮޅެއް ކުރީން އިންޓަރނެޓްގައި ޝާއިޢުކުރެވުނު ލިއުމުގައި ބަލާލާފައިވާނީ، ބޯފެނާއި ގުޅޭގޮތުން ހަރުދަނާ ސިޔާސަތެއް ނެތްކަމާއި، ފެނުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެވޭ ސަމާލުކަން ކުޑަކަމުގެ މައްޗަށެވެ.

މިފަހަރު މި ބަލާލަނީ ރަށްރަށުގެ ރައްޔިތުން ބުއިމަށާއި ކެއްކުމަށް މައިގަނޑުގޮތެއްގައި ބޭނުންކުރަމުން އަންނަ ވާރޭފެނުގެ ޞިއްޙީ މިންގަނޑުތަކަށެވެ. ނުވަތަ ފެނުގެ ކޮލިޓީއަށެވެ. ވަކިން ޚާއްޞަކޮށް ރަށްރަށުގެ ފުރާޅުތަކުން ނަގާ ވާރޭފެން ނެގުމާއި އެ ރައްކާކުރުމުގައި ފެނަށް އައިސްދާނެ ނުވަތަ އަންނަމުންދާ ބަދަލުގެ މައްޗަށެވެ.

ރައްކާތެރި ސާފު ބޯފެން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފެން މިނިސްޓްރީގެ ސިޔާސަތަކީ ގޭގެއަށް ކަޅުހަން ބެހުންކަމަށްހާދާ، ކޮންޓްރެކްޓް އުސޫލުން ބޮޑުއަގުގައި ކަޅުހަން ގަނެ އާގުބޯޓްފަހަރުގައި ގެންގޮސް ރަށްރަށުގެ ފަރުން ބޭރަށް މިހަންތައް ދޫކޮށްލުމުން ގޮޑުދޮށުގައި ތިބެ ފަރުތޮޅި ބާނާހެން ރައްޔިތުން އެއްގަމަށް އަރުވަންޖެހޭ މިހަންތަކަށް، މިލިއަނުން ޚަރަދުކުރާއިރު، މިތާނގީތަކަށް ނަގާ ފެނުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޯލާރިވެސް ޚަރަދުކުރާތަނެއް ނުފެނެއެވެ. ވޭތުވެދިޔަ 30 އަހަރުގެ ދިގު މުއްދަތުގައި އޭރުވެސް އަދި މިހާރުވެސް ފެން މިނިސްޓްރީއިން ރައްޔިތުންނަށް ވިސްނާ ދެމުން އަންނަނީ، ރަށްރަށުގެ ފުރާޅުންނާއި ފެން ވަޅުތަކުން ލިބެންހުނަ ފެނުގެ ޞިއްޙީމިންގަނޑު ޑަބްލިޔޫ.އެޗް.އޯ ނުވަތަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ މިންގަނޑުތަކުގައި ހިފެހެއްޓިފައި ހުންނަކަމުގައެވެ. މި ފެނަކީ ރައްކާތެރިފެން ކަމުގައެވެ.

ފެންނަގާ ފުރާޅު، ފުރާޅުގެ ދިޔަދޮވި ނުވަތަ ފެން ރައްކާކުރާ ތާނގީތެރޭގައި މަރުވެ ކުނިވެފައި އޮންނަ މީދާ، ބުޅާ ނުވަތަ ބުޅަލެއްގެ އެއްފައި ނުވަތަ މިނޫންވެސް މިފަދަ ޖަނަވާރެއް އޮވެމެ ތާނގީއަށް ނެގޭ ވާރޭފެނުގެ ޞިއްޙީ މިންގަނޑު އެވިދާޅުވާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ފެތޭނެތޯއެވެ. ވާރޭފެން ނަގާ މާޙައުލުގެ ޖައްވަކީ ތަފާތު ވިހަ ގޭހުގެ ސަބަބުން ކިލަނބުވެ ތަޢައްޔަރުވެފައިވާ މާޙައުލެއް ކަމަށް ވާނަމަ މިފެން އިންސާނުން ބުއިމަށް ރަށްކާތެރިވާނެތޯއެވެ. އާންމުކޮށް ވާރޭފެން ނަގާ ރައްކާކުރުމުގައި ބޭނުންކުރެވޭ މައިގަނޑު ވަޞީލަތަކީ ގޭގޭގެ ފުރާޅު، ދިޔަދޮވިއާއި ތާނގީއަށް ފެން ވާޞިލުކޮށްދޭ ހޮޅި(ގަޓަރ އެންޑް ޑައުން ޕައިޕް) އަދި ފެން ރައްކާކުރާ ތާނގީފަދަ ތަކެތި ކަމަށް ވީހިނދު މިތަކެއްޗަކީ ޞިއްޙީގޮތުން ފެނަށް ކިހާ ރައްކާތެރި އެއްޗެއްތޯ ބަލާލުމެއްނެތި، ތާނގީއަށް ފެންނެގުމަށްފަހު ކުޑަ ކުދީންނާއި، މާބަނޑު އަންހެނުންނާއި މުސްކުޅިން މިފެން ބުއިމަށް ބޭނުންކުރަން ޞިއްޙީގޮތުން ރައްކާތެރި ވާނެތޯއެވެ. ރަށްރަށުގައި ދިރިއުޅެމުންދާ ނިކަމެތި ރައްޔިތުން ބޯން ބޭނުންކުރަމުންދާ ވާރޭފެނުގައި، މިފަދަނޭދެވޭކަމެއް އުޅޭކަން ގިނަފަހަރަށް އެގެނީވެސް ފެނުގައި ކޮންމެވެސް ކުލައެއް ނުވަތަ ހުތްފޮނި ރަހައެއް ނުވަތަ މިނޫންވެސް ނޭދެވޭ ބަދަލެއް ފެނުގައި ހުންނަ ކަމުގެ އިޙުޞާސްތައް ވުމުންނެވެ. މިކަން އެގޭއިރު ގިނަފަހަރަށް ގޭގައި ދިރިއުޅެމުންދާ ކުދިބޮޑު އެންމެންނަށް އެތައްސަތޭކަ ލީޓަރު ފެން ހުނަނީ ބޮވިފައެވެ. ތެދެކެވެ. ވާރޭފެން ނެގުމުގެ ކުރީން ފުރާޅު ދޮވެ ސާފުކުރުމަކީ ރަގަޅުކަމެކެވެ. ދިޔަދޮވި ސާފުކުރުމަކީ ރަގަޅުކަމެކެވެ. ދިޔަދޮވި އާއި ފުރާޅު މޮޅު ޓިނުން އެއްކޮށް ބަދަލުކޮށްލުމަކީ އަދި މާރަގަޅުކަމެކެވެ. ތާނގީތެރެ ބަލާލުމަކީ ރަގަޅުކަމެކެވެ. ނަމަވެސް، ވާރޭ ވެހިގަންނައިރު ފުރާޅުދޮވެ ސާފުކުރެވޭނީ ސާފުކުރެވޭނެގޮތް ހުރެގެން ނުންތޯއެވެ. ވާރޭފެން ނެގުމުގެ ކުރީން ފުރާޅުދޮންނާށޭ ބުނެ، އަޑުގެ ކޮޅަށް ޓީވީ ސްޕޮޓްތަކާއި ޑްރާމާތައް ކުޅުނަސް، ގޭގައި ހުންނަ ކުޑަދަރިފުޅުގެ ބައްޕަ މަހައްގޮސް ކަނޑުމަތީގައި ހުންނަ ވަގުތުގައި ވެހިގަންނަ ވާރޭފެން ފޮދު ނެގުމަށް ފުރާޅުސާފުކުރަން، ގޭގައި އެވަޤުތު އިންނަ މުސްކުޅި މާމައަށް ފުރާޅުމައްޗަށް އެރޭނެތޯއެވެ. ގޭގައި އިން ދެ އަހަރުގެ ތުއްތު ދަރިފުޅަށް ފުރާޅުމައްޗަށް އެރޭނެތޯއެވެ. ގޭގައި އިން ބަލިޙާލު ބޮޑު އާބޭބީ އަކަށް ބަލިވެ އިން ކުޑަދަރިފުޅުގެ މަންމައަށް ފުރާޅުމައްޗަށް އެރޭނެތޯއެވެ. އެވަގުތު ފުރާޅާއި ތާނގީ ހުންނާނީ ދާއިމީ ގުޅުމަކުން ގުޅާލެވިފައެވެ. ވެހޭ ހުރިހާ ފެނެއް އެޅޭނީ ތަނގީ ތެރެއަށެވެ.

No comments: