Thursday, November 6, 2008

ތިމަރަފުށީ ރައްޔިތުންގެ ވޭނީ އުދާސް – 1

މައުމޫނުގެ ސަރުކާރުގެ ވަހުދަތާއި، ވައުދާއި، އަދުލުވެރިކަމުގެ ތެރެއިން ތިމަރަަފުށީ ބިންހިއްކުމާއި އެއާރޕޯޓް....

އޭ ދަރީންނޭވެ، ހޭއަރާށެވެ. މިލައިގަންނަނީ ތިޔާގިކަމާއި، ވައުދުވުމާއި، ބޮޑުކެނޑުމުގެ ދުވަސްވަރެވެ. ދިރިތިބީންގެ ތެރެއިން ކިތަންމެ ބަޔަކު މިކަހަލަ ކިތަންމެ މޫސުމެއް ކޮންމެ ފަސް އަހަރަކުން އެއްފަހަރު ތަޖްރިބާކުރެވިފައިވާނެއެވެ. މިގޮތުން މިފަދަ ކޮންމެ ދުވަސްވަރެއްގައިވެސް އަހަރެމެންގެ ރަށަށް އެވެނި މިވެނިކަމެއް ކޮށްދޭނެކަމަށް ސަރުކާރުން ވައުދުވެފައިވެއެވެ. ލިސްޓް ހަދާލާއިފިނަމަ ވަރަށް ދިގުވާނެއެވެ. އެހެންކަމުން އޭގެ ތޭރެއިން މުޙިއްމު ކަންކަމުގެ މައްޗަށް ބަލާލަމާ ހިނގާށެވެ.

1- ބިންހިއްކުމާއި، އެއާރޕޯޓް މަޝްރޫއު..
މިއީ މިސަރުކާރުގެ ވަހުދަތާއި، އިންސާފުގެތެރެއިން އަދި ހަމަހަމަ ކަމުގެތެރެއިން އަހަރެމެންނަށް އޮޅުވާލާ، ނިކަމެތިކޮށްފައިވާ ފުރަތަމަ ބާބެވެ. މިބާބުގައި މިބަލާލަނީ މިކަމުގެ ހަޤީގަތާއި ހަމައަށްދެވޭތޯއެވެ. ބުނެވޭގޮތުގައި ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އިތުބާރު ގެއްލުމާއި، ރައްޔިތުންނަށް އެބައިމީހުންގެ ހައްޤުތަކެއް ގެއްލިފައިވާކަން އިހުސާސްވުމާއި އެކު ޤައުމުގެ އެކި ކަންކޮޅުތަކުގައި އުފެދިގެންދިޔަ ހަމަނުޖެހުންތަކާއި، އަދި މައުމޫނުގެ ސޫރަ ރީތިކުރުމަށް ސަރުކާރުންފެށި މެގަ ޕްރޮޖެކްޓްގެ ދަށުން 5 ވަރަކަށް އެއަރޕޯޓް ހަދާވާހަކަ ވަނީ އިއުލާނުކޮށްފައެވެ. މީގެތެރެއިން 1 އެއާރޕޯޓް އޮޔާއި ވަޔާއި އެކު ދެމެމުން ކަނިމިންދުން، މާލެފުށިން، ގަސްފިނޮޅުން އެންމެ ފަހުން އަހަރެމެންގެ ރަށުގައި ހެދޭނެކަންވެސް ވަނީ އިއުލާނުކޮށްފައިއެވެ. ދެނެކާ ދެނެއްނެތެވެ. ރައްޔިތުންވެފައިތިބި ލިބުނު އުހައުވެރިކަމެއްގެ ސަބަބުން ކަމުގެ ހަޤީގަތާއި ހަމައަށް ވާޞިލްވުމަށްވެސް ވަނީ ނުކުޅެދިފައެވެ.. ވާނީވެސް އެހެންތާއެވެ.. މިއިންޒަމާނަކު ހުވަފެނުންވެސް ދުއްކަމެއް ނޫންވިއްޔާއެވެ.

ދާދިފަހުން ޑީއާރުޕީނަމުގައި އަހަރެމެންގެ ރަށުގެ ކަތީބަކު ހިމެނޭގޮތަށް ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފާއި، މެދު އިނގިލި ޑަކްޓަރ ފާތިން ހަމީދު އާއި މިކަމާއި ބެހޭގޮތުން ބައްދަލުކުރިއެވެ. ނަތީޖާއޮތި ހަމަ ފިކުރުކޮށްލުމެވެ. ޑަކްޓަރ މެދުއިނގިލި ހަމީދު ބުނާގޮތުންނަމަ ތިންރަށެއްގެ މަސައްކަތް އެއާރޕޯޓް މަސައްކަތް ވަރަށް އަަވަހަށް ފެށޭނެއެވެ. ނަމަވެސް ކުރިން ފަށާނީ ކޮން ރަށެއްގެ މަސައްކަތެއްކަމެއް ނުބުނެވުނެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު ބުނެފައިވަނީ ފަޅުހިއްކުމުގެ މަސައްކަތް މިހާރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 10 ނުވަތަ 15 ހިސާބުގައި ކަމަށެވެ. ހަމަ މިކަމެއް މިދިޔަ އަހަރު ފެށޭނެކަމަށްވެސް ސަރުކާރުންވަނީ އެތަކެއް ފަހަރު ވައުދުވެފައިއެވެ. އަދި ދައުލަތުގެ ބަޖެޓުން ބިންހިއްކުމަށް މިއަހަރު ކަނޑައަޅާފައިވަނީ އެންމެ 13 މިލިއަން ރުފިޔާއެވެ. ބުނެވޭ ގޮތުގައި މި 13 މިލިއަން ރުފިޔާ އަކީ އެއިމްސްއަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ބައެކެވެ. ހަނދުމަފުޅު ހުންނާނެފަދައިން ކުރީގެ އަތޮޅުވެރިޔާ ބާގޭ ޝަރީފްވެސްވަނީ މިކަމާއި ބެހޭގޮތުން ރައްޔިތުންނަށް ދޮގުހަދާފައެވެ.

އޭ ދަރީންނެވެ. ބިންހިއްކުމަކުން އަދި އެއަރޕޯޓެއް ނޭޅެނެއެވެ. ސަބަބަކީ އެއާރޕޯޓް އެޅުމުގެ މަސައްކަތްކުރާނީ އެއަރޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމް) އިން ކަމަށްވެފައި މިކުންފުންޏަށް މިމަޝްރޫއު ހިންގުމުގެ ބަދަލުގެ ގޮތުގައި އިންވެސްޓްކުރާ ފަރާތަށް ރިސޯޓްގެ ގޮތުގައި ދޭން ހަމަޖެއްސި ރަށްތަކުގެ މައްސަލަވަނީ ކޯޓުގައެވެ. މިއީ ބިޑް އިވަލުއޭޓްކުރުމުގައި ކޮރަޕްޝަނެއް ހިންގާފައިވުމާއި ގުޅިގެން ނުވަތަ ވަކިމީހެއްގެ މަސްލަހަތު މީގައި ވަރަށް ބޮޑަށް އޮތްކަމަށް ބެލެވޭތީއެވެ. މިއީ ހައިރާންވާންޖެހޭ ކަމެއް ނޫންނެވެ. މިސަރުކާރަކީ ކަރަޕްޝަނާއި ފަސާދައިން ތަތްތެޅިފައިވާ ސަރުކާރަށްވާތީއެވެ. މިދެންނެވި ރަށްތަކުގެ ތެރެއިން އަހަރެމެންގެ ރަށުގައި އަޅާ އެއާރޕޯރޓްގެ ބަދަލުގައި އިންވެސްޓަރަށްދޭ ރިސޯޓް "އޮޅުގިރީ"ގެ މައްސަލަ އަދި އޮތީ ކޯޓްގައެވެ. ކިތަންމެ އަވަސްވިޔަސް މިމައްސަލަ ކޯޓުން ނިމިގެން އަދި ރިސޯޓްތަރަައްޤީކޮށް އެއަރޕޯޓެއް ހެދުމަކީ އެންމެ މިލިއަނަކުން ދެމިލިއަނަކުން ވާނެކަމެއް ނޫނެެވެ. ލަފާކުރެވޭގޮތުގައި އެންމެ އާދައިގެ މިންވަރަށް ރިސޯޓެއް ތަރައްޤީކުރުމަށް 50 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 6 ބިލިއަން ރުފިޔާ ބޭނުންވެއެވެ. މިއީ ދުލުން ކިޔާލަން ފަސޭހަ އެހެންނަމަވެސް ކުރަން އުދަނގޫ ކަންކަމެވެ. އެއީ މިސަރުކާރުވީމައެވެ.މިހާރުވެސް މައުމޫނަށް ގަޑިއަކަށް 18000 ރުފިޔާ ޚަރަދުކުރެއެވެ. މިއީ ފެންނަންއޮތް ހަޤީގަތެކެވެ. ސަބަބަކީ ވައުދު ނުފުއްދުމާއި، ބޭކާރު ޚަރަދުކުރުމުގެ ސަގާފަތެއް އޮތަތީވެއެވެ. އަދި ބައިނަލްްއަޤުވާމީ އިންވެސްޓަރުންވެސް މިތަނުގެ އަދުލުގެ ނިޒާމާއި މެދު ޖެހިލުންވާތީ އިންވެސްޓްކުރުމަށްވެސް ބިރުގަންނަނީއެވެ.

މީގެ އިތުރުބާބުތަކާއި އެކު ބައްދަލުކުރުމުގެ އުއްމީދުގައި މިހިސާބުން ވަކިވެލަމެވެ. އިރާދަކުރެއްވިއްޔާ ވީވަރަކުން ސައްޙަ މައުލޫމާތު ގެނެސްދެވޭތޯ މަސައްކަތްކުރާނަމެވެ.

No comments: